އާ ސަރުކާރާއިއެކު ފައިނު އެއާޕޯޓު މަޝްރޫޢު ހުއްޓުމަކަށް؟!
ރ. އަތޮޅު ފައިނުގައި ޑޮމެސްޓިކް އެއާޕޯޓެއް އަަޅަން ނިންމާ ރައީސް ޔާމީންގެ ސަރުކާރުން އައިލެންޑް އޭވިއޭޝަން ކޮމްޕެނީއާއި އެ މަސައްކަތް ހަވާލުކުރީ މިއަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. އެއާޕޯޓަކާއިއެކު ދެ ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއްކަހަލަ ސާޖަރީތަކުން ރިކަވާ ވާ މީހުންނަށް ހިދުމަތްދޭ ފެސިލިޓީއަކާއި އައިލެންޑް އޭވިއޭޝަންގެ މަތިންދާ ބޯޓުތަކަށް ހިދުމަތްދޭނެ ހޭންގަރެއްގެ އިތުރުން މުވައްޒަފުން ތަމްރީން ކުރާ ސެންޓަރަކާއިއެކު މި ބޮޑު މަޝްރޫޢުއަށް ޖުުމްލަ 123 މިލިއަން ރުފިިޔާ ޙަރަދުވާކަމަށް އޭރު ސަރުކާރުންވަނީ ވިދާޅުވެފައެވެ.  މި މަޝްރޫއު އިއުލާންކުރުމާއިއެކު ތިމާވެށީގެ މާހިރުންނާއި ފައިނަށް ނިސްބަތްވާ ބައެއް ފަރާތްތަކުންވެސް ވަނީ މި މަޝްރޫއުގެ ސަބަބުން ފައިނުގެ ތިމާވެއްޓަށާއި ފައިނު ރައްޔިތުން ކުރަމުން އަންނަ ދަނޑުވެރިކަމުގެ މަސައްކަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބުނެ މި މަޝްރޫޢު ކުރިއަށް ނުގެންގޮސް ހުއްޓާލަށް ގޮވާލަންފަށާފައެވެ. އެހެންނަމަވެސް، މި މަޝްރޫޢު ހުއްޓާނުލާ ރައީސް ޔާމިންގެ ސަރުކާރުންވަނީ މަޝްރޫޢުގެ ބައެއް މަސައްކަތްތަށް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުވެސް ތައްޔާރުކޮށް ވަރަށް ފަހުންވަނީ އާއްމުކޮށްފައެވެ.  ނަމަވެސް އިއްޔެ ރައްޔިތުންގެ މަޖިލީހަށް އާ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރ މުނައްވަރު ހުށައެޅުއްވި 2019 ވަނަ އަހަރަށް ލަފާކޮށް ތައްޔާރުކުރާ ބަޖެޓުގައި ފައިނު އެއާޕޯޓު މަޝްރޫޢުކުރިއަށް ގެންދިޔުމަށް ހިމަނާފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެއާއިއެކު ބައެއް ފަރާތްތަކުން އަންނަނީ މި މަޝްރޫއު ހުއްޓާލީތޯ ސުވާލު އުފައްދަމުންނެވެ. 2019 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ފައިނަށް ހިމަނާފައިވަނީ ހަމައެކަނި ފައިނުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫއުއެވެ.  ފައިނު އެއާޕޯޓުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ޖުމްލަ 5792 ރުއްގަސް ފައިނުން ކަނޑަން ޖެހޭއިރު ފަޅުން 8.3 ހެކްޓަރުގެ ބިން ހިއްކުމުން ފަރަށް ގެއްލުންވާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މި މަޝްރޫއުގެ ސަބަބުން ފައިނަށާއި ސަރަހައްދުގެ ރަށްތަކަށް އިޤުތިޞާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.  އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި އަލަށް ހެދުމަށް ހިމަނާފައިވަނީ މ. މުލީގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫޢުއެވެ. މީގެ އިތުރުން ހއ. މާފިނުޅުގައި އެއާޕޯޓެއް އެޅުން ހިނގަމުންދާ މަޝްރޫއުއެއްގެ ގޮތުގައި ހިމަނާފައިވާއިރު ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަޝްރޫއާއި ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫގެ އެއާޕޯޓުގެ މަޝްރޫއުވެސް ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.               
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...