އަނަސްގެ އަނިޔާވެރި ވަކިވެދިއުމަށް 1 އަހަރު، އިންސާފު ނުލިބި ލަސްވެފައި!
އެއީ މިދިޔަ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. ހަމަހިމޭން މި ރޭގަނޑު އެންމެން ސިއްސުވާލި ޚަބަރަކީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 25 އަހަރުގެ ޒުވާނެއްގެ ގައިގެ އެތައް ތާކަށް ވަޅިހަރާ އަނިޔާވެރި ގޮތަކަށް މަރާލި ޚަބަރާއިއެކުގައެވެ. މި ޚަބަރު މީދޫގައިވެސް ވަރަށް އަވަހަށް ފެތުރިގެންދިޔައެވެ. ނަމަވެސް، އޭރު ގިނަ ބަޔަކަށް އަނިޔާވެރިކޮށް މަރާލީ މީދޫއަށް ނިސްބަތްވާ ޒުވާނެއްކަމެއް ނޭނގެއެވެ.
ނަމަވެސް، މާ ގިނަ އިރުތަކެއް ނުވެ މުޅި ރަށުތެރެއަށް ނުތަނަވަސް ކަމާއި މޮޅިވެރިކަން ވެރިވެގެންދިޔައީ ކުށެއް ނެތި ބައެއްގެ ނުބައި ނުލަފާ ދަންމަޅީގައިޖެހި މި ދުނިޔެއާއި ވަކިވެގެންދިޔައީ ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސްކަން އެނގިގެންދިޔަ ހިސާބުންނެވެ. މީދޫއަށް ނިސްބަތްވާ އެންމެންގެ ހިތްތައް ކުދިކުދި ވެގެންދިޔައެވެ. އެތަކެއް އަސަރެއް ކުރިއެވެ.
އޯގަސްޓް މަހުގެ 5 ވަނަ ދުވަހު މީދޫގައި އަނަސްގެ ދިފާއުގައި ބޭއްވި ހިނގާލުމުން މީދޫގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ކޮށްފައިވާ އަސަރު ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ. ހިނގާލުމުގެ ތެރެއިން އެތައް ބަޔަކު ހިތް ފަޅައިގެންގޮސް ކެތްތެރިކަން ކޮޅުންލާ ރޮއެހެދިއެވެ.
ފެރީ ލޯންޗެއްގައި ކެޕްޓަންކަމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު އަދާކުރަމުން ދިޔަ އަނަސް ފާހަގަކުރެވިފައިވަނީ ހުނަރުވެރި ކައްޕިތާނެއްގެ ގޮތުގައެވެ. އެތައް ބައެއްގެ ލޯބި ހޯދާފައިވާ ކެޕްޓަނެއްގެ ގޮތުގައެވެ. އަނަސްގެ ކައްޕިތާނުކަމުގެ ދަށުގައި ދަތުރުކުރި އެންމެވެސް އަނަސްގެ އެ ހުނަރަށް ތައުރީފުކުރެއެވެ. އަނަސްއަށް މި އަނިޔާވެރި ހަމަލާ ކުރިމަތިވެފައިވަނީވެސް އެފަދަ ދަތުރެއްގައި މާލެ އައި ދުވަހުއެވެ.
ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނަސްއަށް ހަމަލާ ދިން ގުރޫޕުން އަނަސްގެ ގައިގެ 37 ތަނަކަށް ވަޅިންނާއި ތޫނު ހަތިޔާރު ބޭނުންކޮށްގެންވަނީ ހަމަލާދީފައެވެ. ހައްޤަކާއި ނުލާ މައުސޫމް ޒުވާނަކަށް މިފަދަ އަނިޔާވެރި ހަމަލާއެއް ދޭން ހެޔޮވާނީ ކިހިނަކުންތޯއެވެ.
އަނަސް މަރާލިތާ ދެތިން ދުވަސް ފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާވަނީ އަނަސްގެ މަރާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އަނަސް މިދުނިޔެއާއި ވަކިވެގެންދިޔަ ހަމަލާ އަނަސްއަށް ދިނީ ލާފައި ހުރި ޓީޝާރޓުގެ ސަބަބުން އޮޅިގެންކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.   އޭގެ ދެ މަސް ފަހުން އަނަސްގެ މަރުގެ މައްސަލައިގެ ތަހުޤީޤު ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވެސް ބުނެފައިވަނީ ޖުލައި މަހު 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލާފައިވަނީ އޮޅުމަކުންކަމަށެވެ.
އެގޮތުން އަނަސްއަށް ހަމަލާދީފައިވަނީ ހަތަރު ސައިކަލެއްގައި ދިޔަ އަށް މީހެއްގެ ތެރެއިން ހަތަރު މީހެއްކަމަށް ފުލުހުން އެ ދުވަހު ހާމަކުރިއެވެ. އަނަސްއަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެއް ނަމަވެސް އެ އެންމެވެސް ދެނެގަނެވި ހައްޔަރުކޮށް މައްސަލަ ޝަރީއަތަށް ފޮނުވާފައިވާނެކަމަށް އަނަސް މަރާލިތާ ދެ މަސް ފަހުން 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ފުލުހުން ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ޝަރީއަތަށް ފޮނުވާފައިވާ މުޖުރިމުންނަކީ މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒާއި ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާގެ އިތުރުން ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާން އަދި ގ. ދިމިޝްގު، އުސްމާން ޝަރީފެވެ.
ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން މި މީހުންގެ ތެރެއިން އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ މުޖުރިމު ޒަޔާނާއި، އުސްމާން އަދި އަފްރާހު އާއި ޝާޒުއެވެ. މިއެންމެންގެ ޝަރީއަތް ފެށިތާ މިހާރު އެތަކެއް މަސްތަކެއް ފާއިތުވެފައިވާއިރު އެއްވެސް މީހެއްގެ މައްޗަކަށް އަދިވެސް ހުކުމެއް އިއްވޭ ހިސާބަކަށް ޝަރީއަތް ގޮސްފައެއް ނުވެއެވެ.
ސިޔާސީ މީހުންގެ ޝަރީއަތްތަށް ދުވާލު ދެއިރަށް ޝަރީއަތުގެ މަޖިލީސް ބާއްވައިގެން ނަމަވެސް އަވަހަށް ނިންމަން ކޯޓުތަކުން މަސައްކަތް ކުރާ ބީދައިން މިފަދަ އަނިޔާވެރި މަރުގެ މައްސަލަތަކުގެ ޝަރީއަތްތައް ނުބާއްވާ ލަސްވަމުންދާތީ އެތައް ބަޔަކު އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަނަސްގެ މަރަށް މިއަދަށް އެއް އަހަރުވެފައިވާއިރު އިންސާފު ލިބޭނެކޮޅެއް އަދި ފެނިފައެއް ނުވެއެވެ. އަނަސްގެ މަރަށް 1 އަހަރުވެފައިވާއިރު އެންމެންގެ މެދުގައިވެސް ވަނީ މިކަމުގައި ނުތަނަވަސްކަމާއި މާޔޫސްކަން ވެރިވެފައެވެ. މިދުނިޔެމަތީގައި އިންސާފު ނުލިބުނުކަމުގައި ވީ ނަމަވެސް އިންޝާ ﷲ އިންސާފު އަރާ ހަމަކުރާނެ ދުވަހެއް އެބައާދެއެވެ.
ޔާ ﷲ. އަނަސްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އަނަސް މަރާލުމުގައި އުޅުނު އެންމެހާ މުޖުރިމުން ފަޟީހަތް ކުރައްވާ ދެދުނިޔޭގައިވެސް ހައްޤު އަޒާބު ކުރިމަތިކުރައްވާށި. އާމީން  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...