ރ. އަތޮޅުގައި ހިންގަމުން އަންނަ ކޮއްޓެފަރު ރިޒޯޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާއި ގުޅޭ ގޮތުން އެމް.އެން.ޑީ.އެފުން ބުނީ މި ހާދިސާގެ ރިޕޯޓު އެމް.އެން.ޑީ.އެފްއަށް ލިބިފައިވަނީ ރޭ ދަންވަރު 01:12 ހާއިރު ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް ރޭ ދަންވަރު 02:46 ހާއިރު އެ ރިސޯޓަށް ދެވުނުއިރު އެ ރިސޯޓްގެ ފަޔަރ ސްކޮޑުން ވަނީ އަލިފާނުގެ 90 ޕަސެންޓް ކޮންޓްރޯލްކޮށްފައިކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދީފައިވެއެވެ.

އެމް.އެން.ޑީ.އެފުން އިތުރަށް ބުނީ ރިސޯޓްގެ ފަޔަރ ސްކޮޑާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:05 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުންނަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.