ރަށަށް ނާދެވި މާލެގައި ތާށިވިތާ 47 ދުވަސް، ހަސަންގެ އިހުސާސްތައް ބަންޑުންކޮށްލައިފި!
ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފެށުމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރަން ފެށި އެއްކަމަކީ ރިޒޯޓު މުވައްޒަފުން ރިޒޯޓުން އެންމެ ފަހު ގެސްޓް ފުރި ދުވަހުން ފެށިގެން 14 ދުވަހަށް އެ ރިޒޯޓެއްގައި ކަރަންޓީނުކުރުމެވެ.    މިގޮތުން ރ. މީދޫއަށް ނިސްބަތްވާ ހަސަން ވަޙީދުވެސް އޭނާ މަސައްކަތް ކުރާ ޅ. އިންނަހުރާ ރިޒޯޓުގައި 14 ދުވަސް ފުރިހަމަކުރުމަށްފަހު ރަށަށް އައުމަށް މާލެ ދިޔައީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. ކަންދިމާކުރި ގޮތުން އެއީ މާލެއިން ކޮވިޑް 19 އަށް އަލަށް މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިޢުލާންކުރި ދުވަހުއެވެ. ހަމައެއާއިއެކު މާލެ ފުރަބަންދުކުރީވެސް ހަމަ އެދުވަހުއެވެ.   އެދުވަހުން ފެށިގެން ހަސަން ވަޙީދު މިއަދާއި ހަމައަށްވެސް ހުރީ މާލޭގައި ތާށިވެފައެވެ. ދަތުރުފަތުރު ހުއްޓުމާއި މާލެ ފުރަބަންދު ކުރުމާއެކު ރަށަށް އާދެވޭނެ ހަމަ އެއްވެސް ގޮތެއް ހަސަންއަށް ނެތީއެވެ. އޭގެ ފަހުން މާލޭގައި އެފަދައިން ތާށިވެފައި ތިބި މީހުން އެހެން ރަށެއްގައި ކަރަންޓީނު ކުރުމަށްފަހު ރަށަށް އެނބުރި އާދެވޭ ގޮތަށް ހަމަޖެއްސުމާއެކު ހަސަންވެސް އެ ލިސްޓުގައި ނަން ޖެއްސިކަމަށް ހަސަން މަޢުލޫމާތުދިނެވެ.   ހަސަންގެ އިޙުސާސްތައް ބަންޑުންކޮށްލާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، "ރަށުން އެންމެ ހަ މީހުން ކަރަންޓީނަށް ދާން ހުރި އިރު އަތޮޅުގައި ކަރަންޓީނު ފެސިލިޓީއެއް ހުރެ އެންމެ 6 މީހުން 46 ދުވަސްވާއިރު ނުގެންދެވުނު. ލިސްޓް ތަރުތީބުކުރި އިރު ދެންނަން އޮތީ ނާއިންސާފުން ކަންތައްކޮށްފައިވާ އޮތްކަން" މިހެންނެވެ.   މީދޫ ޓައިމްސްއާއި ވާހަކަދައްކަމުން ހަސަން ބުނީ، މުސާރައިންވެސް ވަރަށް ބޮޑު ބައެއް އުނިކޮށްފައިވާކަމަށާއި، ހުޅުމާލެގައި މިހާރު ހުންނަނީ އެކުވެރިއެއްގެ ގާތުގައިކަމުގައި ވީނަމަވެސް މާލެގައި ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދަތިޙާލުގައިކަމަށާއި މާލީ ގޮތުންވެސް ވަރަށް ދަތިވެފައިވާކަމަށެވެ.   ހަސަން އިތުރަށް ބުނީ، ހަސަންގެ ޙާލު ބެލުމަށް ރ. މީދޫ ކައުންސިލުންވެސް ގުޅާ ކަމަށާއި އަދި ހަސަންގެ ހާލަތު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރާއި ރ. އަތޮޅު ކައުންސިލަށް އަދި އެލް.ޖީ.އޭއާއިވެސް ހިއްސާކޮށްފައިވާނެކަމަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރުވެސް އަންނަނީ ހަސަންއަށް ރަށަށް އާދެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.   ހަސަން އިތުރަށް ބުނީ، މިހާރު އެނގިފައިވާ ގޮތުގައި ދެން އެންމެ އަވަހަށް ރ. އަތޮޅު މީހުން ކަރަންޓީނަށް ގެންދާއިރު އެ ލިސްޓުގެ ކުރީގައި ހަސަންގެ ނަން ހިމެނިފައިވާކަމަށް އެކި ފަރާތްތަކުން މަޢުލޫމާތު ލިބިފައިވާކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަށް އެނބުރި ރަށަށް އާދެވުންކަމަށެވެ.    
ކިޔުންތެރިންގެ ހިޔާލް

2020-06-01 20:04:19
Husen
Mikamah avas halley Gene's dhevvaa..
އެންމެ މަގުބޫލު: 7 ދުވަސް

...