ގުރޭޑް ދޭއް ނުނިއްމާ ގުރޭޑް ހަތަރެއްގައި ކިޔަވަން ބޭނުންވި އިބްރާހީމްގެ ވާހަކަ.
ލިޔުނީ: އައްޝައިޚް މުޖުތަބާ ޙަމީދު އިބްރާހީމަކީ ވަރަށް އާދަޔާ ޚިލާފު ކުއްޖެކެވެ. ކަށްކަމުގައި އަވަސް އަރުވާލާ ސޮރެކެވެ. ވަރަށް ސިޔާސަ ފިރިހެނެކެވެ. ރީތީ ސާދާ ޒުވާނެކެވެ. ކުރާ ކޮންމެ ކަމަކަށްވެސް ކަމޭހިތާ ހުނަރުވެރިއެކެވެ. ވަޒީފާއަށް ފަރުވާތެރިވާ މުވައްޒިފެކެވެ. އިބްރާހީމް ކުޑައިރު ވަރަށް މަޖާކަމެއްކުރިއެވެ.   އެޒަމާނުގައި މިހާރު މިކިޔަވާދޭގޮތަށް ތަޢުލީމެއް ނުލިބެއެވެ. ތަޢުލީމަކީ އޭރު ވަރަށް ތަދުއެއްޗެކެވެ. އިބްރާހީމު ފުރަތަމަ އުޅުނީ ރަށުގެ މަދަރުސާގައެވެ. އޭރު މަކްތަބުތައް ބަންދުކޮށްފިއެވެ. އަދި ސުކޫލުތައް ނުހޮޅުވައެވެ. ހުންނަނީ ރަށުމަދަރުސާއެވެ. ވަރަށް އާދައިގެ ގޮތަކަށް ރާނާ ހަދާފައެވެ. ކިޔަވާ ކުދިންވެސް ގިނައެއްނޫނެވެ. އަދި ކިޔަވާދޭ މުދަރިއްސުން ގިނައެއްނޫނެވެ. ކިޔަވާކުދިންގެ އާބާދީ ސަތޭކައަށްވެސް ނާރައެވެ. އެހެންވީއިރު ކިޔާދޭން ތިބޭނެ މުދަރިއްސުންގެ ޢަދަދު އިނގިލިތަކުން ގުނާލާށެވެ.   ކޮންމެއަކަސް ސިޔާސަ އިބްރާހިމު ބޮޑުވަމުން އާދެއެވެ. އެންމެ ފަހުން މަދަރުސާއަށް ދާޢުމުރު އަތުވެއްޖެއެވެ. އެންމެ ފުރަތަމަ ވަންނަޖެހޭނީ ގުރޭޑް އެކަކަށްށެވެ. އޭރުވެސް އެކަށް އޮންނަނީ އެގޮތަށްށެވެ. ނަމަވެސް އިބްރާހީމަކީ ހޭ ޖެހެންފެށިއިރުވެސް އެކެއްދެކެ ގަޔާވާ މީހެއްނޫނެވެ. އޭނާގެ ފެވަރިޓަކީ ހަތަރެކެވެ. ފުރަތަމަ މަދަރުސާއަށް ދިޔަދުވަހު އެނބުރި ގެއަށް އައިސް މަންމަގާތު އެޝަކުވާ ކޮށްފިއެވެ.   "އިބްރާހީމް ފުޓްބޯޅަ ކުޅޭއިރުވެސް ނަންބަރަކަށް ނަނގަނީ ހަތަރެކޭ. އިބްރާހިމް އަތުގައި އޮންނަނީވެސް ހަތަރު ގަމީހެއްނު. އިބްރާހިމަކީ މަންމަގެ ހަތަރުވަނަ ދަރިއެއްނު. ދެން ކީއްވެގެންތަ އިބްރާހީމް އެއްވަނަ ޤުރޭޑުގައި އިންނަށްޖެހެނީ. އިބްރާހީމް ބޭނުމީ ހަތަރުވަނަ ގުރޭޑަށް ދާން" ޝަކުވާތަށް އޮއްސާލިއެވެ. އިބްރާހީމުގެ މަންމަ އެތަށް ގޮތަކުން އޭނާއަށް ވިސްނާދެވޭތޯ ބެލިއެވެ. އެކަމަކު ގޮތް ދޫކުރާކަށް އިބްރާހީމް ބޭނުމެއްނުވިއެވެ. އެންމެ ފަހު އޭނާގެ މަންމަ އިބްރާހީމުގެ މުދަރިއްސަ މިކަމާ ވާހަކަދެއްކިއެވެ. މުދަރިއްސުވެސް އިބްރާހީމަށް ވިސްނާދެވޭތޯބެލިއެވެ. އެންމެ ފަހުން ކުރުނުކޮށްގެން ދެން މިއަހަރު އެއްވަނަ ގުރޭޑްގައި ކިޔަވާށޭ ދެން އަންނަ އަހަރަކު ހަތަރަކަށް ލާދޭނެކަމަށް މުދަރިއްސު ބުނެފިއެވެ. ކޮންމެއަކަސް އިބްރާހީމް ވަރަށް ފޫހިވެ ހުރެ އެއަހަރު ނިންމާލަފިއެވެ. ކަންދިމާކުރިގޮތުން އޭނާ އަށް ލިބުނީވެސް ކިލާހުން ހަތަރުވަނައެވެ. އެކަމާ ވަރަށް ފަޚްރުވެރިވެސްވެފަ އެތަށް ދުވަހަކު ހުއްޓެވެ.   އެޒަމާނުގައި ބޮޑު ޗުއްޓީއަކީ ވަރަށް ދިގު ޗުއްޓީއެކެެވެ. އެހެންކަމުން އިބްރާހީމް ގިނަ ދުވަސްތަކެއް ކުޅުމާއި ސަކަރާތުގައި ހެދަކޮށްފައި އަނެއް އަހަރު ކިޔެވުން ފަށައިފިއެވެ. ކިޔެވުން ފެށިތާ ހަތަރުވަނައަށްވީ ދުވަހު އިބްރާހީމަށް މިދިޔަ އަހަރު ކިލާސް މުދަރިއްސު ވީ ވަޢުދު ހަނދާންވެގެން މަންމަކައިރީގައި އެވާހަކަ ދައްކާފިއެވެ. އެންމެ ފަހުން މަންމަ އަޅާނުލީމައި އެއްކަލަ މުދަރިއްސުކައިރިއަަށް ހިނގަޖެއެވެ.   " އިބްރާހީމް މާ ލަހުންވިއްޔަ ތި ހަނދާންކޮށްދިނީ. ދެން މިއަހަރު ކިހިނެއް ކިލާސް ބަދަލުކުރާނީ؟" މުދަރިއްސު ސުވާލު އުފެއްދިއެވެ. ވަރަށް ހިތްހަމަ ނުޖެހިފައި އިބްރާހީމް ގެއަށް އަތުވެއްޖެއެވެ. އަދި ޖެހިގެން އައި ހަފްތާ ހަތަރުދުވަހު ކިލާހަށް ނުދާތީ އިބްރާހީމްގެ ބެލެނިވެރިޔާއާއި އެކު މަދަރުސާގެ އިދާރާއަށް ޙާޟިރުކޮށްފިއެވެ. އޭރު މަދަރުސާތަކުގައި ތިބެނީ ނާޡީރުންނެވެ.   " މިގެނެވުނީ އިބްރާހީމް ކިލާހަށް ޙާޟިރުނުވާތާ ހަތަރު ދުވަސްވެގެން. ބަލިވިކަމެއްވެސް ނެތް އަންގާފައެއް." ނާޡިރު މައްސަލަ ހުށައަޅުމުން ވިދާޅުވިއެވެ. އިބްރާހީމުގެ މަންމައަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އިސްދަށަށްޖަހާލިއެވެ. ނާޡިރު އިބްރާހީމާދިމާއަށް ބަލާލިއެވެ. އޭނާ އިނީ ވަރަށް ހަމަޖެހިގެންނެވެ. " އިބްރާހީމް ކީވެ ކިޔަވަން ނާންނަނީ؟" މިފަހަރު ނާޡިރު ސުވާލުކުރީ އިބްރާހީމަށްށެވެ. " އަޅުގަނޑު ބޭނުންވަނީ ހަތަރުވަނަ ގުރޭޑަށް ދާން. އެއްގޮތަކަށްވެސް ދެވަނަ ގުރޭޑުގައި ނުކިޔަވާނަށް."   މުޅި މާހައުލު ހިމޭންވިއެވެ. ނާޡިރަށްވެސް ދޭނެ ޖަވާބެއް ނޭނގުނެވެ. ކުޑައިރުކޮޅެއްފަހުން ނަޡީރު ވާހަކަދެއްކިއެވެ. ވަރަށް ވަރުން ވިސްނާދެވޭތޯއުޅުނެވެ. ހަމަ އެއްގޮތަކަށްވެސް އިބްރާހީމް އިތުރުގޮތެއް ޤަބޫލެއްނުކުރިއެވެ. އެންމެ ފަހުން ނާޡިރު އެދެމައިން އިދާރާއިން ނުކުތުމަށް އެންގިއެވެ. އޭރު ނާޡިރުގެ މޫނުމަތިން ނުރުހުންތެރިކަށް ފާޅުވެފައި ހުއްޓެވެ. އިބްރާހީމުގެ މަންމައަށް ބޭއިޚްތިޔާރުގައި ރޮވެއްފެށުނެވެ. ގަތްލަދެއްގެ ބޮޑުކަމުންނެވެ. އިދާރާއިން ނުކުންގޮތަށް އިބްރާހީމް ދުވައިގަތެވެ. އިބްރާހީމް އަތުޖެހޭތޯ މަންމަވެސް ދުއްވައިގަތެވެ. އިބްރާހީމަކީ ގިނައިން ބަތްކާ ކުއްޖަކަށްވާތީ ހުންނަނީ ފަލަކޮށްށެވެ. އެހެންކަމުން މަންމަގެ އަތުނުޖެހި މާގިނަ އިރަކު އިބްރާހީމަކަށް ކުރިއަކު ނޯވެވުނެެވެ. މިސްކިތާ އަރާހަމަވިތަނުން އިބްރާހީމް އޮތީ މަންމަގެ އަތުތެރޭއަށްލާފައެވެ.   " އަހަރެން ދޫކޮށްލާ. މިބުނީއެއްނު ދޫކޮށްލާށޭ. އަހަރެން ހަތަރުވަނަ ގުރޭޑްުގައި ނޫނީ ނުކިޔަވާނަށް" އިބްރާހީމް ހަލޭލަވަށް ފެށިއެވެ. އޭނާގެ އަގަަމަތީގައި މަންމަ ބާރުބާރަށް އަތްއެޅިއެވެ. " އަހަރެންގެ އަތެއް ނެތޭ!" ކިޔާ އިބްރާހީމުގެ މަންމަ ވަރަށްބާރަށް އިބްރާހީމް ކުރިއަށް ކޮށްޕާލިއެވެ. އެދިޔަ ބާރުމިނުގައި ގޮސް އިބްރާހިމު ވެއްޓުނީ މަންޒަރު ބަލަށް ހުރި މުދިންބެ ފައިކައިރިއަށެވެ. މުދިބެ އިބްރާހީމް ނަގައިގެން އޭނާ ގޮވައިގެން މަންމަ ކައިރިއަށް އަތުވެއްޖެއެވެ. އޭރު މަންމައަށް ހުރެވުނީ ހަމަ ރަނގަޅަށްވެސް ގިސްލެވިފައެވެ. އިބްރާހީމް ދާގަތް ހިސާބު އަތުން ނޫފާގަންފައި ހުއްޓެވެ.   " ދެމައިން ކިހިނެއްވެގެން ތިއުޅެނީ؟" މުދިބެ ހައިރާންވެގެން ސުވާލުކުރިއެވެ. ލަދުން ހުރެ މަންމަ ކަން ހިނގިގޮތް ކިޔާދިނެވެ. " ތިއީ އެވަރުކަމެއްނޫ!" މުދިންބެ އިބްރާހީމާ ދިމާއަށް އެނބުރެމުން ބުނެލިއެވެ. އެވަގުތު އިބްރާހިމުވެސް އަދި މަންމަވެސް ޝައިގުވެރިކަމާއި އެކު މުދިންބެ ދައްކާ ވާހަކައެއް ކަނުލާ އަޑުއަށްތިއްބެވެ.   އެންމެ ފަހުން އިބްރާހީމް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި މަންމަގެ ގައިގައި ބަންދާލިއެވެ. މާފަށްއެދުނެވެ. މަންމަ މުދިންބެއަށް ޝުކުރު އަދާކޮށްފައި އިބްރާހިމުގެ އަތުގައި ހުރެގެން އެހެރަދަނީ ގެއާދިމާއަށްށެވެ. " މުދިންބޭ! އެދެމައިންނަށް ކިހިނެއްވީތަ؟" ވަޅުދޮށުގައި ދާނި ހިފާގެން ހުރި މިސްކިތް ސާފުކުރާ މީހާ ސުވާލުކުރިއެވެ. މުދިންބެ ޖަވާބުގައި ބުންޏެވެ " އެއިބްރާހީމަކީ އަހަރެން ކައިރިއަށް ޤުރުއާންކިޔަވަން އައި ކުއްޖެއް، އޭނާ ވަރަށް ތޫނުފިލިވާނެ. އަހަރެން އޭރުން އެސޮރުމެންނަށް ކޮންމެ ދުވަހަކު ޤުރުއާން ކިޔަވާދީފައި ތަޢުލީމްދިޔާނާ ފޮތްވެސް ކިޔާދެން. އެގޮތުން އަބަދުވެސް ބުނަށް އިސްލާމްދީނުގައި ޝަޙަދަތަކީ އެންމެ ފުރަތަމަ ރުކުނެވެ. ދެން އޮންނާނީ ދެވަނައަަށް ނަމާދެވެ. އެރުކުން އަދާނުކޮށް ކުރާ އެއްކަމެއްވެސް ޤަބޫލުވެވިގެންނެތް ނުވެއެވެ."   "ދެން ތިކަމާއި އެދެމައިންގެ މައްސަލައާއި ހުރި ކޮށް ގުޅުމެއް؟" މަސައްކަތުމީހާ ސުވާލުކުރިއެވެ. ނަމާދުން ފައިބައިގެން އެބައި ކިޔާދޭނަމޭ ބުނެ މުދިންބެ މިސްކިތަށް އެރިއެވެ.    މެންދުރު ނަމާދުކޮށްގެ މުދިންބެ ސަލާމްދިން އިރު މިސްކިތުގައި ޞަފެއް ހަމައެއްނުވެެއެވެ. ތިބީ ހަތަރު ފިރިހެންނުންނާއި މަދަރުސާގެ ކުދިންކޮޅެކެވެ. އޭގެ ތެރޭގައި އެއްކަލަ އިބްރާހީމުވެސް ހުއްޓެވެ. މުދިންބެ ޒިކުރުތަސްބީޙަ ކިޔާގެން ސުންނަތް ކޮށްގެ ފަހަތު ބަލާލި އިރު އެކަކުވެސް ނެތެވެ. މަސައްކަތުމީހާވެސް ނެތެވެ. އަވަސް އަވަހަށް މުދިންބެ ފައިބައިފިއެވެ. " މުދިންބޭ! ކޮބާ އެއްކަލަ ވާހަކަ؟" މަސައްކަތުމީހާ ގޮވާލިއެވެ. މުދިންބެ ފައިވާނަށް އަރަމުން ފަހަތަށް ބަލާލިއެވެ. އޭރު މަސައްކަތުމީހާ އިބްރާހީމް އަތުގައި ހިފާގެން މުދިންބެ ކައިރީގައި ހުއްޓެވެ.   " އެސޮރުކަރީގައި އަހާ އަހަރު މިދަނީ ތަނަކަށް ދާވެގެން" މުދިންބެ ބާރުބާރަށް ގޮސް އޮބާލިއެވެ. " ކޮއިފުޅާ މުދިންބެ ކީކޭ ބުނީމަތަ ކޮއިފުޅު ބަސް އެހީ" މަސައްކަތުމީހަ އިބްރާހީމަށް ސުވާލުކުރިއެވެ. " ޖަވާބުދީފިއްޔާ އަތުން ދޫކޮށްލާނަށްތަ؟" އިބްރާހީމް ޝަރުތެއްކުރިއެވެ. މަސައްކަތުމީހާ އެކަމަށް އެއްބަސްވަމުން އަތުން ދޫކޮށްލިއެވެ. " އެއީ މުދިންބެ ބުނީ އިސްލާމްދީނުގެ ދެވަނަ ރުކުނަކީ ނަމާދެއްނޫންހޭ. އަދި ހަތަރުވަނަ ރުކުނަކީ ރޯދައެއްނޫންހޭ. އެހެންވީމާ ނާމަދު ނުކޮށް ރޯދަ ހިފާގެން ކަމުދާނެހޭ. އަހަރެން ނޫނެކޭ ބުނީމާ ބުނީ އެގޮތަށް ގުރޭޑް ދޭ ނުނިންމާ ގުރޭޑް ހަތަރަކަށް ނުދެވޭނެއޭ" މިހެން ބުނެ އިބްރާހީމް ދުއްވާގަންފިއެވެ. " މުދިންބެ ބުޏަސް އެބުނީ ބުއްދިވެރި ވާހަކައެކޭ" ކިޔަމުން މަސައްކަތުމީހާވެސް މިސްކިތު ހަރިމައިން ނުކުމެގެން އޭނާގެ ގެއާއިދިމާއަށް އެބަދެއެވެ.   މިހިސާބުން އެއިބްރާހީމުގެ ޚިޔާލީ މިވާހަކަ ނިމުނީއެވެ. ދެން އޮތީ އަހަރެމެންގެ ވާހަކައެވެ. އެއީ މިއޮތް ރޯދަމަހު ނަމާދުނުކޮށް ރޯދަހިފަށް އުޅޭ ބައެއް މީހުން އުޅޭތީއެކަމުގެ ވާހަކައެވެ. ދަންނާށެ! ނަމާދު އަޅާފައި ކުރާ ހެޔޮ ޢަމަލެއް ﷲޤަބޫލުނުކުރަށްވަ ފާނެއެވެ. އެހެނީ ނަމާދަކީ ދީނުގެ ތަނބެވެ. ތަނބާނުލައި ގޭގެ ފުރާލު ނުހުންނާނެ ފަދައިން ނަމާދާނުލައި ދީންވެރިކަމެއް ނޯނާނެއެވެ. ވީމާ ނަމާދަށް ރައްކާތެރިވާށެވެ. ނަމާދަށް ފަރުވާތެރިވާށެވެ. އެހެންނޫނި ގުރޭޑް ދޭ ނުނިންމާ ގުރޭޑް ހަތަރެއްގައި ކިޔަވަން އުޅުނު އިބްރާހީމެކޭ އެއްވެސް ތަފާތެއްނެތެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...