ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމަށް އިނގުރައިދޫ ރައްޔިތުންގެ ފަރާތުން ފައިސާ ހަދިޔާކޮށްފިއެވެ.

އިނގުރައިދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުން ލިބުނު 40،034 ރުފިޔާ ވަނީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭއީސީން އަންނަނީ ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ފްލަޑު އެމާޖެންސީ ރިލީފްގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.

މި މަހުގެ 2 ވަނަ ދުވަހު އިނގުރައިދޫގައި ކުރިއަށްދިޔަ ފަންޑް ރައިޒިންގ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއީ ޕާކިސްތާނަށް އެހީތެރިވުމަށް ކައުންސިލަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްކަން ފާހަގަކޮށްލެވެއެވެ.

އިނގުރައިދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް އައި.އޭ.އީ.ސީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.