ރ. މީދޫ ސިއްޙީ މަރުކަޒު، ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓާގެ ތެރޭގައި ޓެންޑަރއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދީފިއެވެ.

މި މަޝްރޫޢުއާއި ގުޅިގެން ’މީދޫ ޓައިމްސް‘ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ، މި މަޝްރޫޢުގައި ހިމެނެނީ މުޅިން އާ ސަރަހައްދެއްގައި އާ އިމާރަތެއް އަޅުން ކަމަށާއި، މިއަހަރުގެ ފަހު ކުއާޓާގައި ޓެންޑަރއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި މި މަސައްކަތް ޓެންޑަރއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އޭރު ރައީސުލްޖުމުހޫރިއްޔާވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އޭރު ޓެންޑަރއަށް ލާފައިނުވަނީ ކީއްވެކަމެއް އެނގިފައެއް ނުވެއެވެ.

ރ. މީދޫ ހޮސްޕިޓަލްގެ މަސައްކަތަށް މުޅި ޖުމްލަ 30,126,924 ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މީގެ ތެރެއިން މިއަހަރުގެ ބަޖެޓުގައި 6 މިލިއަން ރުފިޔާ ހިމާނާފައިވާއިރު 2023 ވަނަ އަހަރަށް 11,343,596 ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރ. މީދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ރ. މީދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ހޮސްޕިޓަލަކަށް ބަދަލުވެގެންދިއުމަކީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރެއްކަން ފާހަގަކޮށްލެވެއެވެ.