މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން ރ. މީދޫ ޕްރީ ސްކޫލްގެ ކުދިންގެ ފީ ކުޑަކޮށްދީފި
މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ރާއްޖެއިންވެސް ފެނިފައިވާތީ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ލުޔިއެއް ހޯދައިދިނުމުގެ ގޮތުން މީދޫ ޕްރީ ސްކޫލްގެ ކުދިންގެ ފީން 100 ރުފިޔާ އުނިކޮށްދީފިއެވެ.
ޕްރީ ސްކޫލް ހިންގަމުން އަންނަ ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުދިންގެ ފީ 300 ރުފިޔާއިން 200 ރުފިޔާއަށް ކުޑަކުރުމަށް އެ ކޮމިޓީން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން މި ދުވަސްވަރު ޕްރީ ސްކޫލްގެ ކިޔެވުން ކުރިއަށް ނުގެންދާއިރު ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ތަކެތި ވައިބަރ މެދުވެރިކޮށް ބެލެނިވެރިންނަށް ހިއްސާ ކުރަމުން އަންނަކަމަށްވެސް އެ ކޮމިޓީން މަޢުލޫމާތުދެއެވެ.   މީގެ އިތުރުން އަންހެނުންގެ ކޮމިޓީގެ އެކި މަސައްކަތްތަކަށް ގެނެސްފައިވާ ބަދަލުތައްވެސް އެ ކޮމެޓީންވަނީ އިޢުލާންކޮށްފައެވެ. އެގޮތުން އެ ކޮމިޓީން ކުރިއަށް ގެންދަން ފެށި ފަހާ ކޯސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު ކޮމިޓީގެ މީޓިންގތައް މިހާރު ކުރިއަށް ގެންދަނީ ވައިބަރ މެދުވެރިކޮށެވެ.   މީދޫ އަންހެނުންގެ ކޮމިޓީންވަނީ މި ދުވަސްވަރު ސިއްޙީ މާހިރުންގެ ލަފާއާއި އެއްގޮތަށް ގިނަގިނައިން އަތްދޮވުމަށާއި ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމަށްވެސް ނަސޭހަތްތެރިވެފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...