ކޮވިޑް 19 އާއި ގުޅިގެން މީދޫގައި ޓާސްކްފޯސްއެއް އެކުލަވާލައިފި
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނިފައިވާތީ މީދޫގައި މިކަމާއި ގުޅިގެން މަސައްކަތް ކުރުމަށް ޓާސްކްފޯސްއެއް އެކުލަވާލައިފިއެވެ.
މީދޫގެ ހުރިހާ މުއައްސަސާތަކާއި މީދޫގައި ހަރަކާތްތެރިވާ ހުރިހާ ކުލަބު ޖަމިއްޔާތަކެއްވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ ފުރަތަމަ މީޓިންގ މިއަދު މެންދުރު ވަނީ ބާއްވާފައެވެ. މި ޓާސްކްފޯސްގެ ފަރާތުން މި ދުވަސްވަރު މީދޫގައި އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް އެޅުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް މަޢުލޫމާތުލިބެއެވެ.   ކޮރޯނާ ވައިރަހަށް މިހާތަނަށް ރާއްޖޭގެ އެކި ރިޒޯޓުތަކުން 13 މީހަކު ޕޮސިޓިވްވެފައިވާއިރު މީދޫގައި ކޮރޯނާ ވައިރަހާއި ގުޅޭ މަޢުލޫމާތު ދިނުމަށް މީދޫ ސިއްޙީ މަރުކަޒުންވެސްވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މީދޫގައި ދޮރުން ދޮރަށް ހިނގާ މަޢުލޫމާތު ދިނުމާއި މީދޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ކޮރޯނާ ވައިރަހާއި ބެހޭ މަޢުލޫމާތު ދިނުމަށް ސެޝަނެއްވެސް ބާއްވާފައިވެއެވެ.   މީގެ އިތުރުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް މީދޫ ކައުންސިލުންވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ. ހަމައެއާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގެ ކާޕެޓުތައް ނެގުމާއި ފުޓުސަލް ދަނޑު ހިމެނޭ ގޮތަށް ހުރިހާ ދަނޑުތަކެއްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...