!މި ދައްކަނީ އަހަރެންގެ ޤައުމުގެ ވާހަކައެވެ
 މަދު މީސްތަކުންކޮޅެއް ދިރިއުޅެމުން އަންނަ ކުޑަކުޑަ ޤައުމެކެވެ. އަމާން ދިރިއުޅުމެއްގައި އުޅެމުން އައި ބަޔެކެވެ. މާބޮޑު ހާސްކަމެއް ބިރުވެރިކަމެއް ނެތި ހަޔާތުގެ ދުވަސްތައް ވޭތުކުރަމުންދިޔަ ބަޔެކެވެ. އާދެ! މި ދައްކަނީ މި ދިވެހި ޤައުމުގެ ވާހަކައެވެ. އަހަރެމެން މި އުޅެމުންމިދާ ކުޑަކުޑަ ޖަޒީރާ ރަށްތަކުގެ ވާހަކައެވެ. ނަމަވެސް މިއަދު ހަމަ އެހެންތޯއެވެ؟ މިއީ އަމާން އޮމާން ޤައުމެއްކަމަށް ބުނެވޭނެ ހެއްޔެވެ؟ މީހަކު މަރާނުލާ ދުވަހެއް ވޭތުވެގެންދޭތޯއެވެ؟ ވައްކަން ޢާއްމުވެގެން ނުދާ ދުވަހެއް ފާއިތުވެގެންދޭތޯއެވެ؟ ސިޔާސީ ހަލަބޮލިކަމުގައި ޤައުމު ހަލާކުވެނުދާ ދުވަހެއް ދޭތޯއެވެ؟ މައިންނާ ދަރީންގެ ގުޅުން ހީނަރުވެގެން ނުދާ ދުވަހެއް ދޭތޯއެވެ؟ މުޖްތަމަޢުގެ އަފުރާދުންގެ މެދުގައި ހަމަނުޖެހުން ނުހިނގާ ދުވަހެއް ފާއިތުވެގެން ދޭހެއްޔެވެ؟

ހިތާމަ ކުރާވަރު ނުވޭތޯއެވެ؟ މީހުން މަރަމުން ގެންދަނީ ފިލާތިބެގެންނެއް ނޫނެވެ. ހާމަ މަގުތަކުގައި މީހުން ތިއްބައި އެހެރަ ދުއްވާލަނީ ޙައްޤަކާނުލާ މީހުންގެ ފުރާނަތަކެވެ. ނެތެމުންދަނީ ޖީލު ބިނާކުރަން ތިބި ޒުވާނުންތަކެވެ. ޤައުމު ހަމަ މަގަށް އަޅުވަން ތިބި ޢިލްމުވެރިންގެ ފުރާނަތަކެވެ. ޒުވާންކަމުގެ ޢުމުރަށް ފޯރަމުންދާ ޅަދަރީންގެ ނަފުސުތަކެވެ. ޙައްޤަކާ ނުލާ ތިޔަ ދުއްވާލަނީ ކޮންމެވެސް މައެއްގެ ދަރިއެކެވެ. ކޮންމެވެސް އުޚުތެއްގެ ބޭބެއެކެވެ. ކޮންމެވެސް އަޚެއްގެ ކޮއްކޮއެކެވެ. އެމީހުންނަށް ކުރާނެ އަސްރު އިހުސާސް ނުވޭތޯއެވެ؟ ވަޅިތައް ހިފައިގެން އެ އުޅެނީ ބިންގަރާސްތަކުގައެއް ނޫނެވެ. ހަމަ ހާމަކަން ބޮޑެތި މަގުތަކުގައެވެ. ޒިންމާވާނީ ކާކުތޯއެވެ؟ އެދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭންޖެހޭ މައިންބަފައިން ކޮބައިތޯއެވެ؟ އެކުދީންގެ އުޅުން އިޞްލާޙްގެ މަގަށް އެޅުވުމުގައި ތަޢުލީމީ ވުޒާރާތައް ކޮބައިތޯއެވެ؟ އިންސާފު ލިބޭނޭ ދެން އޮންނަމަހޭ ދެން އޮންނަ މަހޭ ކިޔަކިޔާ ތިބި ސަރުކާރު ކޮބައިތޯއެވެ؟ ގަމީސް ކުށްވެރިކޮށްލައިގެން މިކަހަލަ މައްސަލަތައް ނިންމާލަންވީތޯއެވެ؟ ޤިޞާޞްގެ އަދަބުދޭން ނުކެރިގެން ތިޔަ އުޅެނީ ކީއްވެގެންތޯއެވެ؟ ރަނގަޅެވެ. ކުށްވެރިވާނީ އަޅުގަނޑެވެ. މި ވާހަކަ ދައްކާ މީހާއެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. ޢަޖައިބެކެވެ! ދައްކަން ޖެހޭ ވާހަކަ ދައްކާނެ ނޫންތާއެވެ!  

ދެން އޮތީ އަނެއް ވާހަކައެވެ. މަގުތަކުގައި ފޭރެނީއެވެ. ދުވާލުގެ ވަގުތުތަކުގައެވެ. މީހުން ބަލަހައްޓައިގެން ތިއްބައެވެ. ވައްކަން ކުރަނީ މީސްތަކުންގެ އަގު ބޮޑެތި މުދާތައް ނަގަމުންނެވެ. ބޭރު ދޮރާ ވަލު ފަރާތުދޮރާ ކޮޓަރީގެ ދޮރުވެސް ތަޅުލާފަ ހުއްޓައެވެ. ވަންނަގޮތެއް އަހަންނަކަށް ނޭނގެއެވެ. ބުރިޖު ހުޅުވުމާއެކު މާ ގިނަ ދުވަހެއް ނުވެ ސައިކަލުތަކުގައި ލޯގަނޑު ހަރުކުރަން ބުނެފިއެވެ. އެއާ އެކު މާލެއިން ލޯގަނޑު ހުސްވާ ވަރަށް މީހުން ސައިކަލުގައި ލޯގަނޑު ހަރުކޮށްފިއެވެ. އެކަމު ލޯގަނޑު ވަނީ ހައްތަހާވާ ގަންނަވަރެވެ. އެ ހަރުކުރާ އެއްޗެއް އަނެއް ދުވަހަކު ނޯވެއެވެ. ވަގަށް ގެންދަނީއެވެ. ކޮންމެ ފަހަރަކު ލޯގަނޑު މަޑިދަށަށްލާފައި ބުރިޖަށް އަރަންވީމާ ލޯގަނޑު ހަރުކުރަންވީ ހެއްޔެވެ؟

ދެން އޮތީ އަނެއް ކަންތަކެވެ. ޑިމޮކުރަސީ ކަމެއް ޑިމޮކުރޭޒީ ކަމެއް ނޭނގެއެވެ. ހަމަހިމޭން ކަމުގައި ކިޔައިގެން ގެނުވީ ހަމަހިމޭންކަން ގެއްލުވާލުމެކެވެ. ޕާޓީތައް އުފެދި ކުލަކުލައަށް މީހުންގަނޑު ބެހިއްޖެއެވެ. މަގޭ ކުލަ އަކީ މަގޭ ޕާޓިއަށްވެއްޖެއެވެ. މަގޭ ޕާޓީއަކީ މަގޭ ދިރުމަށްވެއްޖެއެވެ. ދީނަށްވުރެ ޕާޓީ މުހިއްމުވެއްޖެއެވެ. ދެން ޕޯޑިއަމްތަކަށް އަރާ ބޭނުން އެއްޗެއް ކިޔަންވީއެވެ. މީހުންގެ އަބުރަށް އަރަންވީއެވެ. މަލާމާތާއި ފުރައްސާރަކުރަންވީއެވެ. ޢާއިލާތައް މި ކުލަތަކުގައި ޖެހި ރޫޅިއްޖެއެވެ. މައިންނާ ދަރީން ވަކިވެއްޖެއެވެ. މުޖްތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެއްޖެއެވެ. ވެރިންނާ ރައްޔިތުންނާ ދެމެދު ކޯޅުންގަނޑެކެވެ. ބައްޕަ ރީނދޫ ކުލައެވެ. މަންމަ ޕިންކެވެ. ބޭބޭ ރަތެވެ. ދައްތަ ގުރާ ފެއްސެވެ. ވޯޓު ނުލެވޭ ކޮއްކޮވެސް ހުދުކުލައެވެ. ހިތާމަހުއްޓެވެ. ރަހިމުގެ ގުޅުމަށްވުރެ ޕާޓީގެ ގުޅުން އިސްވެއްޖެއެވެ. ކަރުނަ އަޅާކަށް ނުވޭތޯއެވެ؟

ދެން އޮތީ މުހިއްމު ވާހަކައެކެވެ. މި ކުޑަ މުޖުތަމަޢުގައި ޢިލްމުވެރިންނަށް ކުރާ ފުރައްސާރައިގެ ވާހަކައެވެ. މީދެން އަޅެ ކޮންކަމެއް ހެއްޔެވެ؟ ޢިލްމުވެރީންނަށްވެސް ކުށްބަހެއް ކިޔިދާނެ ނޫންތޯއެވެ؟ އެއީވެސް އިންސާނުންނެވެ. މަލާއިކަތުންނެއް ނޫނެވެ. ތިމާ ތާއީދު ނުކުރާ ޢިލްމުވެރިއެއް ވެއްޖެއްޔާ އޭނާ އަކީ ޙައްޤު ބަސް ބުނާ މީހަކަށް ނުވެއެވެ. ދެން އޭނާއާ ދިމާއަށް ކިޔާނެ އެއްޗެއް ކިޔަނީއެވެ. އޭނާގެ އަބުރު ކަތިލަނީއެވެ. ހުދު ދީނަށް ލޯބި ކުރާ ކުދީންވެސް ޢިލްމުވެރީންނަށް ފުރައްސާރަ ކުރަނީއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ޢިލްމުވެރީން ރެޔާ ދުވާލު އެކުރާ މަސައްކަތް ތިބާއަށް ނުފެންނަނީތޯއެވެ؟ ގަދަ ކަނޑުތަކުގައި ދަރުތުކޮށް ރަށްތަކަށް ވަޑައިގެން އެ ދެއްވާ ވައުޡުތައް އަޑުނީވެނީތޯއެވެ؟ ކޮންމެ ދުވަހަކު މިސްކިތްތަކުގައި އެ ދެއްވާ ދަރުސްތައް އަޑުނީވެނީތޯއެވެ؟ އާއެކެވެ. އަޑުނާހާ މީހަކަށް އަޑެއް ނީވޭނޭއެވެ. އަޑު އަހަން ބޭނުން ނުވާ މީހަކަށް އަޑެއް ނީވޭނެއެވެ. އެބައިމީހުން ޙައްޤުބަސް ބުނެއެވެ. އެކަމު އަހަރެމެން އެބަހަށް ބީރު ކަންފަތެއް ދެނީއެވެ.

ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. ޤައުމުގެ ހާލަތު އެހާވެސް ދަށެވެ. އެހާވެސް ދެރައެވެ. ހަލާކު ކުރީ އަހަރެމެންނެވެ. އިޞްލާޙު ކުރަން ތިބޭނީވެސް އަހަރެމެންނެވެ. އެންމެން އެއްބައިވުން ކިހިނެތްތޯއެވެ؟ އެކަތިގަނޑަކަށްވެގެން ކުރިއަށް ދިޔައީމާ އިޞްލާޙު ފެންނާނެއެވެ. އެންމެ ކުޑައިރުއްސުރެ ރަނގަޅު ތަރުބިއްޔަތެއް ދޭންވީއެވެ. ތަޢުލީމީ ވުޒާރާތަކުގެ ކަންކަންވެސް ރަނގަޅު ކުރަންވީއެވެ. ލާދީނީ މީހުންނާ ދެކޮޅަށް ތެދުވަންވީއެވެ. ރަނގަޅު ޖީލެއް ބިނާ ކުރަން ފަށަންވީއެވެ. ކަންކުރަން ތިބީ ހަމަ އަހަރެމެންނެވެ. އޭރުން ޒުވާނުންގެ އަތުގައި ކަޓަރެއް ނޯންނާނެއެވެ. އެމީހުންގެ ކަރުގައި ފަށެއް ނޯންނާނެއެވެ. އެމީހުންގެ ކަންފަތުގައި މުއްޖެއް ނުލާނެއެވެ. ދީނީ ކަންކަމަށްވެސް މަލާމާތެއް ނުކުރާނެއެވެ. މި ދައްކަނީ އަހަރެންގެ ޤައުމުގެ ވާހަކައެވެ. ހަމަ އަހަރެމެން ދިވެހީންގެ ވާހަކައެވެ.     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...