ދިރާގުން ކުރިއަށްގެންދާ ފައިބަރ ބްރޯޑުބޭންޑު ޚިދުމަތް ނަންގަވަންވީ ކީއްވެ؟
ދިރާގު ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓް  އަދި ދިރާގު ޓީވީގެ ޚިދުމަތް ރ.މީދޫއަށް ދިނުމަށްޓަކައި ހުސްވި ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކޭބަލް ވަޅުލުމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މިކަމާއި ގުޅޭ ޙާއްޞަ ޕްރޮމޯޝަން މިއަދުވެސް ކުރިއަށްއެބަދެއެވެ. މިޕްރޮމޯޝަނާއި ބެހޭގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ދިރާގުގެ އޮފިޝަލް ވިދާޅުވީ، އިއްޔެ މީދޫގައި ފެށުނު މިޕްެރޮމޯޝަން މިއަދުވެސް ހެނދުނު 10:00 އިން ފެށިގެންގޮސް މިރޭ 10:00 އާއި ހަމައަށް ކުރިއަށްދާނެކަމަށެވެ.

މިޕްރޮމޯޝަނުގައި ކުރިއަށްދަނީ މަޢުލޫމާތު ދިނުމާއި، އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތަށްއެދޭ ފޯމު ފުރުމުގެ މަސައްކަތެވެ. މިކަމާއި ބެހޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ދިރާގުގެ އޮފިޝަލް ވިދާޅުވީ، ނޮވެމްބަރު މަހުގެ ތެރޭގައި މިކަން ރަސްމީކޮށް ފެށުމުގެ ގޮތުން ރަށު ކައުންސިލާއި ގުޅިގެން ޙާއްޞަ ލޯންޗިންގ އިވެންޓެއް ބާއްވާނެކަމަށެވެ. މިއިވެންޓާއި ހަމަައަށް، މީހުން ދިރިއުޅޭ ގޭބިސީތަކުގެ އިތުރުން، ވިޔަފާރި ކުރާ ތަންނަނާއި، އަލަށް މީހުން ދިރިއުޅެން އިމާރާތް ކުރެވެމުންދާ ތަންތަނަށްވެސް މިހާރު ހިލޭ ފައިބަރ ކޭބަލް ގުޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ. މިހާރު ޚިދުމަތް ބޭނުން ކުރަން ނުފެށިނަމަވެސް، ފައިބަރ ކޭބަލް ކަނެކްޝަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ލިބޭނެކަމަށާއި ރަސްމީކޮށް ޚިދުމަތް ލޯންޗުކުރުމަށްފަހު ދެން ކޭބަލް ގުޅައިދެވޭނީ 1000 ރުފިޔާގެ ފީއެއް ދެއްކެވުމުންކަމަށް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.
މިހާރު ފޯމު ފުރުއްވާ ފަރާތްތަކަށް ރަސްމީކޮށް ހިދުމަތް ފެށިގެންދާއިރު ޚިދުމަތް ލިބިގެންދާނެއެވެ. އިންޓަރނެޓް އަދި ޓީވީ އަށް ތަފާތު ދެފޯމެއް ފުރަންޖެހުނު ނަމަވެސް ކަނެކްޝަންއަށް އެދިލައްވާ ފަރާތުން ބޭނުންފުޅު ނަމަ ކޮންމެވެސް އެއް ޚިދުމަތަކަށްވެސް އެދިލެއްވޭނެއެވެ. ނުވަތަ ޓީވީ އަދ އިންޓަރނެޓް، ދެޚިދުމަތް އެއްކޮށްވެސް ގުޅައިދެވޭނެއެވެ.
އިންޓަރނެޓް ސްޕީޑް 5 އެމްބީޕީއެސްއިން ފެށިގެން ގޮސް ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑްކަމަށްވާ 100 އެމްބީޕީއެސް އާއި ހަމައަށް ވަޔަރލެސް (ވައިފައި)ކޮށް އިންޓަރނެޓް ލިބިގެންދާނެއެވެ. 10 ޕެކޭޖުގެ ތެރެއިން އެންމެ އަގުހެޔޮ ޕެކޭޖްގައި %6 ޖީއެސްޓީ ހިމަނައިގެން މަހަކު 371 ރުފިޔާ އަދި އެންމެ އަގުބޮޑު ޕެކޭޖްގައި މަހަކު 2215.40 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ގާތްގަނޑަކަށް 90 ވަރަކަށް ޗެނަލް ހިމެނޭ ދިރާގު ޓީވީ ޕެކޭޖަށް  %6 ޖީއެސްޓީ ހިމަނައިގެން މަހަކު 318 ރުފިޔާ ދައްކަންޖެހެއެވެ. އެއްފަހަރާ 4 ޓީވީ އަށް ޚިދުމަތްދެވޭއިރު، ކޮންމެ ޓީވީ ކަނެކްޝަނަކަށް ޖޯއީބޮކްސް އަކާއިއެކު ބްލޫޓޫތް ރިމޯޓެއް ހިލޭ ލިބިލައްވާނެއެވެ. އަދި މިހާރު ހުރިވަރަށްވުރެ ޗެނަލްތައް އިތުރުވިނަމަވެސް އަގަށް ބަދަލު ނާންނާނެ ކަމަށާއި  އިތުރު ތަފާތު ޕެކޭޖަތަކެއް ހެދިގެންދާނެކަމަށް ދިރާގުގެ އޮފިޝަލް ވިދާޅުވިއެވެ. 

ޓީވީ އަދި އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދެނީ ގޭތެރޭގައި ދިރާގުން ހަރުކޮށްދޭ ޙާއްޞަ ރައުޓަރެއް ނުވަތަ ޑިވައިސްއެއް ބޭނުންކޮށްގެންނެވެ. މިރައުޓަރަކީ ދިރާގުންް ގަންނަން ޖެހޭ އެއްޗެއްކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. އެއްފަހަރާ ފައިސާ ދައްކައިގެން ނުވަތަ 12 މަސްދުވަހަށް ބަހާލައިގެންވެސް ރައުޓަރަށް ފައިސާ ދެއްކިދާނެއެވެ. އާންމު ޕެކޭޖްތަކާއި ޚިލާފަށް ވިޔަފާރިތަކަށް ހުންނާނީ އިންޓަރނެޓްގެ ތަފާތު ޕެކޭޖުތަކެކެވެ.
ކުރިއަށް އޮތް 3 ހަފްތާއެއްހާ ދުވަހުގެ ތެރޭަގައި ޚިދުމަތް ދޫކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް ދިރާގުގެ އޮފިޝަލް ވިދާޅުވިއެވެ. މިއީ، ރ. އަތޮޅުގައި ދިރާގުގެ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ރަށެވެ. މިގޮތުން މިދިޔަ އަހަރު ދުވާފަރުގައި މިޚިދުމަތް ދޭން ފަށާފައިވާއިރު، މިއަހަރު އަލަށް މިރަށުގެ އިތުރުން އަލިފުށި އަދި ވެރިކަންކުރާ ރަށް އުނގޫފާރުގައިވެސް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިރާގުން މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...