އަނެއްކާވެސް ޤާސިމްގެ ޓްވީޓެއް!!!
ރިޔާސީ އިންތިހާބު ކާމިޔަބުކޮށްފައިވާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް އަލްހާން ފަހުމީ ކުރެއްވި ޓްވީޓު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރީޓްވީޓުކުރެއްވިތާ މާގިނައިރެއްނުވަނީސް އަނެއްކާވެސް ޤާސިމް ޓްވީޓެއް ކުރައްވައިފިއެވެ.  
އާންމުން އުއްމީދު ކޮށްގެން ހުރީ ޤާސިމްގެ ރިޓްވީޓު އެއީ އެމަނިކުފާނުގެ އެކައުންޓު ހެކްކޮށްގެން ބަޔަކު ކޮށްފައިވާކަމެއްކަމަށް ޤާސިމް ވިދާޅުވާނެކަމަށެވެ. އެހެންނަމަވެސް ޤާސިމްކުރެއްވި ދެވަނަ ޓްވީޓުގައި އެމަނިކުފާނު އަމިއްލައަށް ވިދާޅުވެފައިވަނީ އަލްހާން ފަހުމީގެ ޓްވީޓު އެމަނިކުފާނު ރިޓްވީޓު ކުރީ އަލްހާން ބުނެފައިވާ ވާހަކައަކީ ޤާނޫނީގޮތުންނާއި ދީނީގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީކަމަށެވެ. އަދި އިތުރަށް ޤާސިމް ވިދާޅުވެފައިވަނީ ރަސޫލާގެ ހަދީސްފުޅުގައިވަނީ ބަސްބުނި މީހާއަށްނުބަލާށޭކަމަށާއި އަދި ބުނި ބަހަށް ބަލާށޭކަމަށެވެ.   
އަލްހާން ފަހުމީ ގެ ޓްވީޓުގައިވަނީ "ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ! ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް! އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން!" މިހެންނެވެ.   މިކަންތައްތަކާއިއެކު އައު ސަރުކާރު ހަވާލުވުމުގެ ކުރިންވެސް ކޯލިޝަންގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދި ކޯލިޝަން ބައިބައިވެގެންދާނެކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެމް.ޑީ.ޕީ އަދި ޖުމްހޫރީ ޕާޓީއއަކީ މި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...