ރައީސް ނަޝީދާއި ދެކޮޅަށް ޤާސިމްގެ ޓުވީޓެއް!!
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަމަށްވާ އެމް.ޑީ.ޕީގެ ލީޑަރ ރައީސް ނަޝީދުއާއި ދެކޮޅަށް އަލްހާން ފަހުމީ ކޮށްފައިވާ ޓުވީޓެއް ރިޓުވީޓުކުރައްވައިފިއެވެ.

"ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ! ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް! އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން!" ރައީސް ނަޝީދު ނޮވެމްބަރު 1 ގައި ރާއްޖެ ވަޑައިގަންނަވާ ވާހަކަ ޖަހާފައިވާ ޕޯސްޓަރަކާއިއެކު އަލްހާންކޮށްފައިވާ ޓުވީޓު ޤާސިމް އިބްރާހިމް ރިޓުވީޓު ކުރައްވާފައިވަނީ މިއަދު ހެނދުނުއެވެ.

ޤާސިމް އިބްރާހިމްގެ މި ޓުވީޓާއިއެކު އެމް.ޑީ.ޕީގެ އިސް އެކްޓިވިސްޓުން އަންނަނީ ޤާސިމް އިބްރާޙިމްއަށް ވަރަށް ވަރުގަދަ ރައްދުތައް ޓުވިޓާގައި ދެމުންނެވެ. އެގޮތުން އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު ޤާސިމްގެ ޓުވީޓަށް ރިޕްލައިކުރައްވަމުން ވިދާޅުވެފައިވަނީ "ޤާސިމް ހިތް ކިތަންމެ ރައީސް ނަޝީދުގެ މައްޗަށް ގޯހަސް މަނިކުފާނު ތި ސަލާމަތްވީ ރައީސް ނަޝީދު ރެއާއި ދުވާލު ކުރި ބުރަމަސައްކަތުން. އޮޅިގެން އުޅުއްވާނަމަ ވަރަށް ދެރަ" މިހެންނެވެ.

މީގެ އިތުރުންވެސް އެމް.ޑީ.ޕީގެ އެތަކެއް އެކްޓިވިސްޓުންނެއް ޤާސިމްއަށް ރައްދުދެއްވާފައިވެއެވެ. ޤާސިމް މިގޮތަށް މި ޓުވީޓު ކުރައްވާފައިވާއިރު އިއްޔެގެ ވަގުތެއްގައި އެމް.ޑީ.ޕީ އާއި އެއްކޮޅަށް ޓުވީޓު ކުރައްވާ އާނިޔާ އަހްމަދުވަނީ ޤާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާއަށް ހުތުރުބަހުން ފާޑުކިޔާ ޓުވީޓެއްކޮށްފައެވެ. މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓުންވަނީ އާނިޔާއަށް ފާޑުކިޔާ ރައްދުދީފައެވެ.

މިކަންތައްތަކާއިއެކު އައު ސަރުކާރު ހަވާލުވުމުގެ ކުރިންވެސް ކޯލިޝަންގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދި ކޯލިޝަން ބައިބައިވެގެންދާނެކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެމް.ޑީ.ޕީ އަދި ޖުމްހޫރީ ޕާޓީއއަކީ މި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...