ރިޔާސީ އިންތިޚާބު ބާތިލްކުރަން ޕީ.ޕީ.އެމުން ސުޕްރީމް ކޯޓަށް؟!
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެންނެވި މިހާރުގެ ރައީސް، ރައީސް ޔާމިން ނިސްބަތްވެލައްވާ ޕީ.ޕީ.އެމުން ސުޕްރީމް ކޯޓަށް މައްސަލަ ވައްދަން އުޅޭކަމުގެ އަޑުތައްގަދަވެއްޖެއެވެ.   އެގޮތުން ޕީ.ޕީ.އެމުން 'ވޯޓު ވަގު' ގެ ނަމުގައި ކޮންމެ ރެއަކު ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ އޮފީސް ދޮށަށް 'މުޒާހަރާ' ގެ ނަމުގައި ކުރަމުންދާ ހަރަކާތުގައި އެ ޕާޓީގެ އިސް އެކްޓިވިސްޓުން އަންނަނީ ކޯޓަށް ގޮސްގެންވިއަސް އިންތިޚާބު ބާތިލްކުރުމަށް މަސައްކަތްކުރާނެކަމުގެ އިޝާރާތްތައް ވަމުންނެވެ.
އިންތިހާބު ބޭއްވި ދުވަހާއި ޖެހިގެން އައި ދުވަހު ރައީސް ޔާމިންވެސް ބަލި ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. ހަމަ އެ ދުވަހު ޕީ.ޕީ.އެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރޝިޕުގައި ހިމެނޭ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީ.ޕީ.އެމްގެ ނައިބު ރައީސް އަބްދުލްރަހީމްވެސް ވަނީ ބަލި ގަބޫލުކުރައްވާ ކަމަށާއި އެ ޕާޓީގެ ދައުރެއްގައި 'އިންސާފުވެރި އިންތިހާބެއް' ބޭއްވުނީތީ އެކަމާ ފަޙުރުވެރިވާކަމަށްވެސް ވިދާޅުވެފައެވެ.   ނަމަވެސް އިންތިހާބު ބޭއްވިތާ ހަފްތާއެއް ވާން ކައިރިވެފައިވަނިކޮށް ޕީ.ޕީ.އެމްގެ ރާގު ބަދަލުވެ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކޮށް އެ ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އައްޔަނުކުރި އެ ޕާޓީގައި ކުރިން ރައްޔިތުންގެ މަޖިލީހުގައިވެސް އުޅުއްވި މެމްބަރު ޝަރީފްގެ އިސްތިޢުފާއަށްވެސް ގޮވާފައެވެ.   މީގެ އިތުރުން މި ދެ ދުވަހު ޕީ.ޕީ.އެމްގެ އިސް އެކްޓްވިސްޓުން އަންނަނީ ސޯޝަލް މީޑިޔާގައި އިންތިހާބުތައް ބާތިލްކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދޭ 113 ވަނަ މާއްދާ ފަތުރަމުންނެވެ. މި މާއްދާގައި ބުނާގޮތުން އިންތިޙާބާއި ގުޅޭ ކަމެއްގައި ޚިލާފެއް އުފެދިއްޖެ ހާލަތެއްގައި އެ ކަމެއް ވަކިގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުވެސް އިންތިހާބު ބޭއްވުނުތާ 21 ދުވަސް ފަހުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު މިފަހަރުވެސް އެގޮތަށް އެކަންވުމުގެ ފުރުސަތު ނެތެކޭވެސް ނުބުނެވޭނެވެ. ރައްޔިތުންވަނީ ގޮތް ނިންމާފައެވެ. އެހެންނަމަވެސް އަދިވެސް އެ ނިންމުން ބަދަލުވެދާނެއެވެ.
   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...