އެމް.ޑީ.ޕީ ޕްރައިމަރީ: ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް އާމިރު އަދި ޝާހިދު!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ.ޕީ ޓިކެޓުގައި ވާދަ ކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ދެ ބޭފުޅަކު ކުރިމަތިލައިފިއެވެ.   ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރަނީ މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ ރ. އަލިފުށި އާހިޔާ އަލީ ޝާހިދުގެ އިތުރުން ރ. ދުވާފަރު މެރިންވިލާ އާމިރު އަޙުމަދުއެވެ. އާމިރު އަޙްމަދަކީ މިވަގުތު ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.   އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ނިންމުމެއްފަހު މީދޫ ޓައިމްސްއަށް މަޢުލޫމާތުދެއްވަމުން އާމިރު އަޙްމަދު ވިދާޅުވީ، އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމީ އަތޮޅުގެ ހިންގުން ހަރުދަނާ ކުރުމަށާއި ސަރުކާރުގެ ނުފޫޒު ހިނގާ ހިސާބުގައި އަތޮޅު ރަމްސީލްކޮށް ރާއްޖޭގައި އަތޮޅުގެ އަޑު ގުގުމާލުމަށްކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ވައުދުތައް ތަންފީޒުކުރުމަށް އެހީތެރިވުންކަމަށްވެސް އާމިރު މަޢުލޫމާތުދެއެވެ.   މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސްގެ ގޮތުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ޝާހިދު ވިދާޅުވީ، އަތޮޅުގެ ރަށްތަކާއިއެކު އުފެދިފައިވާ ގާތް ގުޅުން ދެމެހެއްޓުމަށް، އަތޮޅު ހިންގާނެ ވެރިޔަކު ހޮވުމަށް އޮންނަ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.   ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން ބާއްވާ އެމް.ޑީ.ޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...