ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެ އަވަސް ހައްލު ހޯދައިދޭން ޖެހޭ ރަށްތައް ފާހަގަކޮށް ސަރުކާރުން އެކުލަވާލި ލިސްޓުގައި ރ. މީދޫ ހިމަނައިފިއެވެ.

ރ. މީދޫ ދެކުނު ފަރާތް ގިރުމުގެ މައްސަލަ ބޮޑުވެ، އެ ސަރަހައްދުގައި ހުރި ހަރުގެތަކަށްވެސް އަސަރުކުރާ ހިސާބަށް ދިއުމާއެކު ކައުންސިލުން ވަނީ ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ބައްދަލުކޮށް ރަށުގެ ތިމާވެއްޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ކައުންސިލުން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން | ފޮޓޯ: މީދޫ ކައުންސިލް

ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމާއި ގުޅޭ ގޮތުން މިނިސްޓްރީން ލިބުނު މަޢުލޫމާތު ’މީދޫ ޓައިމްސް‘ އަށް ހިއްސާ ކުރަމުން ކައުންސިލުން ބުނީ، އެ ބައްދަލުވުމަށްފަހު އޮގަސްޓު މަހުގެ ތެރޭގައި މިނިސްޓްރީގެ ސިޓީއެއް ކައުންސިލަށް ލިބިފައިވާކަމަށެވެ.

އެގޮތުން އެ ސިޓީގައި ފާހަގަކޮށްފައިވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭން ޖެހޭ ރަށްތަކުގެ ލިސްޓެއް އެކުލަވާލާއި އެ ލިސްޓުގައި ރ. މީދޫ ހިމަނައިދީފައިވާކަމުގެ މަޢުލޫމާތާއި ރަށްގިރުމުގެ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާ ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ މަޢުލޫމާތުކަމަށްވެސް ކައުންސިލުން ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން މިނިސްޓްރީއާއި އެތައް ފަހަރެއްގެ މަތިން ސުވާލު ކުރުމުންވެސް މިނިސްޓްރީގެ ޖަވާބެއް ލިބިފައެއް ނުވެއެވެ.